Wednesday, March 31, 2010

ތަހުޒީބް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް 7 ކަމެއް

އިންޑިޔާ ކަނޑުމަތީގައި އިތާ މުތުގެ ހާރެއްގެ ބީދައިން އޮތް ޤައުމެއްގެ ގޮތުގައި ސިފަވަމުން އައި ދިވެހިރާއްޖެ މިއަދު މިވަނީ ތަރައްޤީވާން ފޫގަޅާލާފައެވެ. ބާރު މިނެއްގައި ރާއްޖެތެރޭގެ ގިނަ ރަށްތައް ކުރިއަރައިގެން އެބަ އާދެއެވެ. ދަތުރު ފަތުރުގެ ނިޒާމަކުން އަތޮޅުތައް ގުޅުވާލެވިއްޖެއެވެ. ނަމަވެސް ތަހްޒީބުގެ މަގުގައި އެންމެ ފިޔަވަޅެއްވެސް އަދި އަޅާލި ހެނެއް ހިއެއް ނުވެއެވެ. ތަހުޒީބު ބަޔަކަށް ވުމަށްޓަކާ ތިރީގައި މިދަންނަވާ ކަންކަން ކުރަން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ.

1. ދުންފަތާއި ތުންފަތް ދުރުކުރުވުން:
ތުމަށް ސިނގިރޭޓެއް ޖަހައިގެން ދުވާރުމަތީގައި ފާޑަކަށް ހުއްޓިހުރެ ނޭފަތުން ދުން ބޭރުކޮށްލާ މަންޒަރަކީ ބަލައިލަން މާ ރީތި މަންޒަރެއް ނޫނެވެ. މަގުމަތީގެ މާޙައުލު ތަޣައްޔަރުވެގެން ދިޔުމުގެ އިތުރަށް އެކަމުގެ ސަބަބުން މަގުހިނގާ މީހުންނަށް ވާ ތުރާލާއި ބަލާވެރިކަމަކީ ބޮޑު އިޖްތިމާޢީ މައްސަލައެކެވެ. މުސްކުޅިންނާއި ޒުވާނުންނާއި ކުޑަކުދިންނަށެވެ. ދުނިޔޭގެ ކުޑަކުދިންގެ ދެބައި ކުޅަ އެއްބައި ކުދިން ނޭވާލަނީ ދުންފަތުގެ ވިހަ ދުމުގެ ތެރެއަށެވެ. އިންނާ ލިﷲ ވައިންނާ ޢިލައިހި ރާޖިއޫން... އިގްތިޞާދީ ގޮތުން ބަލާއިރު އަހަރަކު އެތައް ޑޮލަރެއް މިކަމަށް ހޭދަވެގެންދެއެވެ. މިއީ އުފެއްދުންތެރި ނޫން ގޮތެއްގައި ބޭރުވެގެންދާ ކިހާ ގިނަ ފައިސާއެއް ތޯއެވެ؟ ސިއްޙީ ގޮތުން ބަލާއިރު، ސިނގިރޭޓް ބޯމީހެއްގެ ޙަޔާތުން 5.5 މިނެޓް ބޯލާ އެންމެ ސިގިރޭޓެއް ދަމާލުމާއެކު މަދުވެގެން ދާކަމަށް ދިރާސާތަކުން ދައްކައެވެ. އޭނާގެ ޙަޔާތުން ގެއްލިގެން އެދާ ބަޔަކީ ދީނާއި ޤައުމަށްޓަކާ ފައިދާ ހުރި ގޮތުގައި ހޭދަކުރެވޭނެ ވަޤުތަކަށް ނުހެދޭނެތޯއެވެ؟ އެހެންކަމުން ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަކީ ތަހުޒީބުބަޔަކަށް ވުމަށްޓަކާ މުޙިއްމު ކަމެކެވެ.

2. ބަންގާޅީންގެ ބަދަލުގައި ދިވެހީން:
މިހާރު ދިވެހިރާއްޖޭގައި ހިސާބަށް ވުރެ ބިދޭސީން ގިނަވެއްޖެ ކަމަށް އެންމެންވެސް އެއްބަސްވާނެއެވެ. ފަހަރެއްގައި ވިޔަފާރިވެރިންނާއި، ބިދޭސީންގެ ނާޖާއިޒް ފައިދާ ނަގާ މިހުން މިކަމާ އެއްބަސް ނުވެދާނެއެވެ. ޢާއްމު ރައްޔިތެއްގެ ޙައިސިއްޔަތުން މިކަން ވެފައިވަނީ އަޅުގަނޑުގެ ބޮލުރިހުމަކަށެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުސް ބިދޭސީންނެވެ. ހޮޓާ ރެސްޓޯރެންޓްތަކުގައި ވޭޓަރުންނަށް ވެސް ބިދޭސީންނެވެ. ގޭގެ ކުނި އުކާލަން ބަންގާޅީއެކެވެ. ގޭގައި ކައްކަން އިންޑިޔާ އަންހެނެކެވެ. ތުއްތު ދަރިފުޅު ބަލަން ފިލިޕީންސް ޒުވާނެކެވެ. ދަރިފުޅަށް ޓިއުޝަން ދޭން ލަންކާ މީހެކެވެ. މިފަދަ ކަންކަމަށް ބިދޭސީން އެތެރެކުރުމުގައި ހައްދެއް ނެތުމުގެ ސަބަބުން ތަފާތު އިޖްތިމާޢީ މައްސަލަތަކަކަށް އެތައް ދޮރުތަކެއް ހުލުވިގެން ގޮސްފައިވެއެވެ. މި ވަޒީފާތަކަށް ދިވެހީން ނުކުންނަމާ ހިނގާށެވެ. މިހާރު ކުނިއުކާ ގުރޫޕެއް ހަދައިގެން ލައްކަ ފައިދާ ލިބޭނެކަން ޔަޤީނެވެ. މިކަން ވާނީ އިޤްތިޞާދަށްވެސް ލިބޭނެ ލުޔަކަށެވެ. ތިމާގެ އަނބިކަނބަލުން އޮފީހަށް ފޮނުވާފަ "ޕާންޑީ" ކެއްކި ބަތުން ފަރިއްކުޅުވާއިރު އެކަމުގެ ސަބަބުން ޢާއިލީ އެތައް މައްސަލަތަކެއް ކުރިމަތިވެގެން އަންނަކަން އެނގިލައްވާތޯއެވެ؟ ތިމާގެ އަނބިކަނބަލުންނަށް ކައްކަން ދަސްކޮށްދޭށެވެ.
ދަރިފުޅު ބަލަން ފިލިޕީންސް ކުއްޖާއަށް ޙަވާލުކުރުމުން ދަރިފުޅަށް ދޭންވާ ތަރުބިއްޔަތާއި ލޯބި ނުލިބި، އެކަމުގެ ސަބަބުން މާދަމާ މަގުތައް ނާމާންވެ ބިރުވެރިވެދާނެ ވާހަކަ ބުނުމުން މިއަދުގެ ގިނަ ދިވެހީން އެކަން ޤަބޫލުކުރާނެއެވެ. ނުކުރާކަމަކީ ޢަމަލެވެ. އެހެންކަމުން ޤަބޫލުކުރުމުގެ މާ ބޮޑު ފައިދާއެއް ނެތެވެ. އަންހެނުން ދަރިފުޅަށް ތަރުބިއްޔަތުދޭން ގޭގައި އިނދެ ފިރިމީހާއަށް ކާން ހަދައިދީ ގޭތެރޭގެ މަސައްކަތްތައް ކުރާނަމަ، ކިހާ އުފަލެއްގައި އުޅެވޭނެތޯއެވެ؟ ދަރިފުޅަށް ފެނިގެން ދާނީ ކިހާ ރީތި ނަމޫނާއެއްތޯއެވެ؟ ތަހުޒީބުވުމަކީ އެހެން ބަޔެއްގެ ދުއްޕާނަކާ ނުލާ ދިރިއުޅުމެއް ބިނާކުރުން ނޫންތޯއެވެ؟

3. އިސްލާމީ ޝަރީޢަތް ވަޤުތުން ތަންފީޛްކުރުން:
މުޖުތަމަޢަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވުމަށް އޮތް އެންމެ ބަރާބަރު ޙައްލަކީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޛްކުރުމެވެ. އޭރުން މަސްތުވާތަކެއްޗާއި ރަލުގެ ވާބާއިން ވަގުތުން މި ދީބު ހަށި ފޮޅާލާނެކަން ޔަޤީނެވެ. ވައްކަމާއި ފޭރުން ސައުދީ ޢަރަބިއްޔާގައި އޮންނަ ވަރަށް ވުރެ ދަށަށް ގެނެވޭނެއެވެ. ސަބަބު ވަރަށް "ސިމްޕަލް" އެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމެވެ. ވައްކަން ކުރިޔަސް، މީހަކު މެރިޔަސް، ރާބުޔަސް، ޒިނޭކުރިޔަސް ޖަލަށް ލާންވީކީ ނޫނެވެ. މިހާރުވެސް ދިވެހިރާއްޖެއަކީ މި އޭޝިޔާ ސަރަޙައްދުން އެންމެ ޤައިދީން ގިނަ ޤައުމެވެ. ޖަލުތައް ފުރިގެން ކުށްވެރިން އެތިބެނީ މަގުމައްޗަށް ދޫކޮށްލާފައެވެ. އެހެންކަމުން ޝަރީޢަތުގައި ބަޔާންކޮށްފައިވާ އަދަބު ދޭންވީއެވެ. ވައްކަން ޘާބިތުވެއްޖެ ނަމަ އަތްކަނޑާށެވެ. ކަނޑަން ބިރުގަންނަ ނަމަ، ތިބާ ލޯމަރާލައިގެން ދުރުގައި ހުންނާށެވެ. ކަނޑަން ކެރޭ ބަޔަކަށް އެކަން ޙަވާލުކުރާށެވެ. ނުކަނޑާ ދޫކޮށް ނުލާށެވެ. އެއީ ﷲގެ ޙައްޤެކެވެ. މިކަމަށް ބަދަލުގެނައުމުގެ ޙައްޤެއް ޙާކިމާއަކަށް ލިބިގެނެއް ނުވެއެވެ. މި ޝަރީޢަތް ތަންފީޛުކުރުމުން އަމާން ތަނަކަށް މިތަން ވެގެން ދާނީ ތަހުޒީބާ ދިމާއަށް ޤައުމު ބާރު ދުވެލީގައި ދަތުރުކުރަމުންނެވެ.

4. ސިޔާސަތު އިސްލާމްކުރުން:
މިހާރު ޤައުމުގައި ތިބި ވެރިންނަށް އިސްލާމީ ޝަރީޢަތުގެ ފައިދާ ވިސްނާ ދިނުމުން ސިޔާސަތު ބަދަލު ނުކޮށްފިނަމަ، އެ ޝަރީޢަތް ތަންފީޛްވެގެން ނުދާނެއެވެ. އިސްލާމީ ސިޔާސަތެއް އޮތުން ނުވަތަ އިސްލާމީ ވެރިއެއް ހުރުމުގެ ބޭނުމަކީ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރާނެ އޯގާތެރި ސަރުކާރެއް އޮތުމުގެ ހިތްހަމަ ޖެހުން ލިބުމެވެ. ރައްޔިތުންގެ ޙައްޤުތައް އަދާނުކުރެވިދާނެ ކަމަށްޓަކާ އެފަދަ ވެރިއަކު ބިރުގަންނާނެއެވެ. ރައްޔިތުންނަށް ޖަވާބުދާރީ ވާއިރު ތިމާގެ ބަލާޣާތްތެރިކަމުގެ އެހީގައި ރެކެވުނަސް، މާދަމާ ﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެކަން ދަނެ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކުޅަދާނަވީ ވަރަކަށް ޚިދުމަތްކުރާނެއެވެ. ޢަދުލުވެރި ވެރިން ތިބޭ ނަމަ، ރިޒްޤްގެ ވާރޭ އެތަނަކަށް ވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ވެގެންދާނެއެވެ. ޑިމޮކްރަސީ ފަދަ މުނާފިޤް ނިޒާމުތަކުން ޤައުމު ސަލާމަތްވުމުން ސިޔާސީ ތަޅާފޮޅުންތައް ޤައުމު ފަސާދަ ކުރާކަށް ނާންނާނެއެވެ. އެއީ ތަހުޒީބުގެ ކިހާ މަތިވެރި ސިފައެއްތޯއެވެ؟

5. ފޮލާއި، ބިލެތާއި. ރަތްކުޅުން މާޙައުލު ސަލާމަތްކުރުން:
މިއަދު ހޮޓަލަކަށް ވަނުމަށް އެންމެ ނުރުހެވޭ ދެވަނަ ސަބަބަކީ ރަތްކުޅު ތަޅާ މީހުން އުޅޭތީއެވެ. (ފުރަތަމަ ސަބަބަކީ، ސިގިރޭޓެވެ.) ދުވާރުގެ ކާނުމައްޗަށް ރަތްކުޅުތަޅާފައި ހުންނަތަން ފެނުމުން ބައެއް ފަހަރު ހޮޑުނުލެވެނީ ވެސް ކިރިޔާއެވެ. އެރަތްކުޅު ޖަހާމީހުންނަށް އެކުޅުތައް ނުފެނޭބާވައެވެ؟ ސާފަޠާހިރުކަމަށް ނުވިސްނިޔަސް، އެއީ ޚުދު ތިމާގެ އަނގަތެރެއިން ނެރުނު އެއްޗެއްކަން ވިސްނާނުލާކަމީ ހިތާމަހުރިކަމެކެވެ. ރީތިމަގުތައް ހުތުރު ވެގެން ދިޔުމުގެ ޒިންމާ މި ބައިގަނޑު ނަގަންޖެހޭނެއެވެ. ދިވެހީންނަކީ ޒަމާނުއްސުރެ ފޯއްކެއުމަށް އާދަވެފައިތިބި ބައެކެވެ. ބަންގާޅުން ކާޑުއެތެރެ ކުރާ ވަރަށް ފޯއް ވެސް އެތެރެކޮށްފައި ވާނޭކަންނޭނގެއެވެ. ނަމަވެސް ދެން މިކަން ހުއްޓަން ވެއްޖެނޫންތޯއެވެ؟ ތަހުޒީބު ބަޔަކަށް ވަމާ ހިނގާށެވެ.

7. ފިލްމު އިންޑަސްޓްރީ ބަންދުކުރުން:
މިއަދު ދިވެހި މުޖްތަމަޢު ވަށާލެވިފައިވަނީ ފިލްމުތަކާއި، ލަވަތަކާއި، ޑްރާމާތަކުންނެވެ. މައިން ހަތަރުދަމު ސްޓާރ ޕްލަސްގައި ތިބޭ އިރު ދަރިން ފިލާވަޅެއް ހަދާތޯ ނުވަތަ ކެއިތޯ ބަލާވެސް ނުލައެވެ. ދަރިންވެސް ގިނަ ފަހަރަށް އައިސް މަންމައާއި އެކު ސޯފާގައި ވަޑުވާލަނީ "ރާނީ"އަށް ދެންވާނެ ގޮތެއް ބަލާލާށެވެ. ނަމަވެސް މި ޑްރާމާތަކުގެ ގެއްލުން އަޅުގަނޑުމެންނަށް ވިސްނޭތޯއެވެ؟ ގިނަފަހަރަށް ދީނީ އަޅުކަންތަކާއި ފަރްޟްތައް އަޅާފައި ޓީ.ވީ ދޮށުގައި އިންނައިރު ތިމާގެ ޖައުހަރެއް ފަދަ ސިކުނޑިއަށް ކުރާ އަސަރެއް ފާހަގައެއް ނުކުރެއެވެ. ސިކުނޑިއާއި ވިސްނުމާއި ބެހޭ ދިރާސާތައް ކުރައްވާ ބޭފުޅެއް ކަމުގައިވާ ކޭ.އެމް އިންޓަނޭޝަނަލްގެ ޑިރެކްޓާރ އަދި މެމޮރީ ޓްރެއިނަރ ޒަފަރު މަޙްމޫދު ވިދާޅުވާ ގޮތުގައި މި ހިންދީ ޑްރާމާތައް ބެލުމަކީ ވިސްނުމުގެ ބާރު އެތައް ގުނައެއް ދަށްކޮށްލާ ކަމެކެވެ. ސިކުނޑި މަރާލާ ކަމެކެވެ.
ކުޑަކުދިންނަށް ވެސް ތާކުން ތާކު ނުޖެހޭ ހީރޯއިން ތަކެއް ލިބިފައި ވާތީ އެމީހުންގެ ޅަ ސިކުނޑިތައްވެސް ވަނީ ފާޑަކަށް "މަރު"ވެފައެވެ. "ބެން-ޓެން އަށް ވުރެ ވަރުގަދަ މީހަކު ނުހުންނާނޭ"، ނުވަތަ "ﷲއަށް ވުރެ ސްޕަމޭން ވަރުގަދަ އޭ" މިކުދިން ބުނާ އަޑު އަޅުގަނޑުގެ ދެކަންފަތުން އެހީމެވެ. ނަޢޫޛުބިﷲ.... އެންމެ ފުރިހަމަ އިންސާނާ (މުޙައްމަދުއްރަސޫލުﷲ، ސައްލަﷲ ޢަލައިހި ވަސައްލަމް) ނަމޫނާއެއް ކަމުގައި ނުބަލާ ޚިޔާލީ ކާޓޫނެއް އެއީ ރޯލް މޮޑެލެއް ކަމުގައި ދެއްކުމުގެ އަގު އަޅުގަނޑުމެންގެ ފުރާނައިން އަދާ ނުކުރެވޭނެ ދުވަސްއައުމުގެ ކުރިން، އަޅުގަނޑުމެން ފިކުރީގޮތުން ކުރިއަރާ ތަހުޒީބު ބަޔަކަށް ވާން ބޭނުންނަމަ މި ތާކުންތާކު ނުޖެހޭ އާދަތައް އެބަ ދޫކޮށްލަން ޖެހެއެވެ.

މިދެންނެވި ތަހުޒީބުގެ ސިފަތަކުން އަޅުގަނޑުމެން ޒީނަތްތެރި ވަމާ ބަހީއެވެ. އަޅުގަނޑުމެން ކިޔަމުން އައި ބައިތަށް އަދިވެސް ޢަމަލުކުރާކަށް ނުވޭތޯއެވެ!

"..ޅަފަތުގައި އުނގެނެމާ، އުފަލުގައި ކިޔަވަމާ،
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށް ދަމާ.."