Tuesday, March 30, 2010

ދިވެހި ބަހުގެ ކުރިމަގާމެދު އަޅުގަނޑުގެ ޚިޔާލު

ދިވެހިބަހަކީ ދިވެހިންގެ ދިވެހިވަންތަކަން ދައްކުވައިދޭ ނިޝާނެކެވެ. ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ފާހަގައެކެވެ. އަދި ހަމަ އެހެންމެ ދިވެހިބަހަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ލިބިފައިވާ އަގުބޮޑު އަމާނާތެއްވެސް މެއެވެ. މި އަމާނާތާ މެދު އަޅުގަނޑުމެން ޢަމަލުކުރާ ގޮތެއްގެ މައްޗަށް މި މުއްސަނދި ބަހުގެ މުސްތަޤްބަލް ބިނާވެގެންދެއެވެ. މިއަދު އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރެވިފައިވާ ގޮތަށް ބަލާއިރު ފެންނަމުން ދަނީ ދިވެހިބަހުގެ މުސްތަޤްބަލް ބަނަވެފައިވާތަނެވެ.

އަދުގެ ޒުވާނުން އަމިއްލަ ބަހާ މެދު ދެކެމުން ދަނީ 'ކަޓު' އެއްޗެއްގެ ގޮތުގައެވެ. އެބަސް ދަސްކުރުމަކީ މުސްކުޅި ބޯދާ ޢަމަލެއް ކަމުގައި ދެކެމުންދެއެވެ. އަދި އެއާޚިލާފަށް ފަރަންޖީ ބަހަކުން ކިތަންމެ ކޮށިކޮށް ބަހެއް ބުނެލަން އެނގުން އެއީ މޮޅު 'ގަޓް' ކަމެއް ކަމުގައި ބަލަމުންދެއެވެ. މިހެން ކަންތައް ވަމުން ދާނަމަ މާދަމާ މިބަސް ޙިމާޔަތްކުރާނެ ބަޔަކު މިޤައުމެއްގައި ނުތިބޭނެއެވެ. ދިވެހިންގެ ކުރިމަތީގައި ދިވެހިބަސް ފަނާވެގެން ދާނީ އަޅާލުމެއް ނެތް ޙާލެއްގައެވެ. އޭރުން ދިވެހިން އެބަސް 'ކަފުންކޮށް ވަޅުލާނީ' އުފަލުން ތިބެ އަމިއްލަ އަތުން ކަންނޭނގެއެވެ.

މާދަމާ ދިވެހިބަސް ފެނިގެން ދާނީ އެވޭލާ ޒަމާނުގެ ނާދިރުތޯފާ އެއްގެގޮތުގައެވެ. ދާރުލްއާޘާރުތަކުގައި ޖަރީކޮށް ރައްކާކުރެވިފައިވާ ލޯގަނޑުތަކުން ނޫނީ ދިވެހިބަހުގެ ފުރާނަކަމުގައިވާ ތާނަ އަކުރަށްވެސް ޖާގައެއް ނުލިބޭނެއެވެ. މިކަމުގެ ހެކި މިއަދުގެ މުޖުތަމަޢުތަކުން ފެނިގެންދެއެވެ. އަދުގެ ކިޔަވާ ކުދިންގެ ޙާލަކީ ކޮބައިތޯއެވެ؟ ގިނަ ދަރިވަރުން ދިވެހި ބަހުން އެއްޗެއް ލިޔަން ޖެހުނަސް ބޭނުންކުރަނީ ލެޓިން އަކުރެވެ. ތާނަ އަކުރަކީ، އަދި ޚާއްޞަކޮށް ފިލިތަކަކީ ދިވެހި ޒުވާނުންނަށް ބޭނުންކުރަން އުނދަގޫ އެއްޗަކަށް ވެއްޖެއެވެ. ކޮމްޕިއުޓަރުން ތާނަ ޓައިޕްކުރަން ގިނަ ދިވެހިން ފަސްޖެހޭކަމީ ޓެކްނޮލޮޖީގެ މިޒަމާނުގައި ތާނަ ބާކީ ކޮއްލެވޭ ކަމުގެ ހެއްކެކެވެ.

ދުނިޔެ ކުރިއަރައިގެން ދާވަރަކަށް ދިވެހިންވެސް އަންނަނީ ޓެކްނޮލޮޖީގެ ތެރެއަށް ވަންނަމުންނެވެ. ނަމަވެސް ދިވެހިބަސް ޓެކްނޮލޮޖީގެ ތެރެއަށް ވަންނަ ދުވެލި ވަރަށް މަޑެވެ. އެގޮތުން ތާނަ ޓައިޕްރައިޓަރު ތަޢާރަފް ކުރެވިފައިވަނީ ޓައިޕްރައިޓަރުގެ ޒަމާން ނިމެނިކޮށެވެ. އޭރު ދިވެހިބަހުގެ ފުރާނަ ކަމުގައިވި ތާނަ އަކުރުގެ ބަދަލުގައި "އައި ވީ" އެއްގެ ގޮތުގައި ގުޅާފައިވަނީ ލެޓިން އަކުރެވެ. މިއަދު މިގް33ގެ ރަންޒަމާން ނިމެން ދަނީއެވެ. އަދިވެސް ތާނަ އަކުރު އެހިސާބަށް ގެންދިއުމުގެ އުއްމީދެއްވެސް ނެތެވެ. މިހެން ކަންތައް ވަމުން ގޮސް، މާދަމާ މުޢާމަލާތާއި މުޢާޞަލާތުކުރުމުގެ ހުރިހާ ވަޞީލަތެއް ޓެކްނޮލޮޖީއަށް ބަރޯސާވެއްޖެނަމަ ދިވެހިންނަށް ޖެހޭނީ ދިވެހި ބަހުން އަތް ފޮޅާލާށެވެ. ބަހުގެ ކުރިމަގު ފެންނަން އޮތީ މިނޫން ކޮން ގޮތަކަށްތޯއެވެ؟

މީގެ އިތުރަށް ބަހުގެ އަނދިރި ކުރިމަގު ޘާބިތުކޮށްދޭ އަނެއް ކަމަކީ ބަސް ޙިމާޔަތްކުރުމައްޓަކައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭކަމެވެ. ޢާއްމުންގެ ފަރާތުން އެއްވެސް ވަރެއްގެ ޙިއްޞާއެއް މިކަމަކަށް ނުދެއެވެ. ސަރުކާރުން އެކަނި މިބަސް ޙިމާޔަތް ކުރުމަށް އަތުކުރި އޮޅާލިޔަސް އަމިއްލަ ފަރާތްތަކުން އަތުގުޅާ ނުލައިފިނަމަ މިކަން ވެގެންދާނީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. މާދަމާ މިބަސް ބޭނުން ކުރާނީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ މަރުކަޒުގެ ތާރީޚީ ދިރާސާތަކަށް އެކަނި ކަންނޭނގެއެވެ. އޭރުން މިއަދު އަޅުގަނޑު މިދެންނެވި ވާހަކަތަކަކީ ތެދުކަން އެނގޭނެއެވެ.

ބަހަށް ޚިދުމަތްކުރުމުގެ ނަމުގައި މަރުކަޒެއް ޤާއިމްކޮށްފައި ވީ ނަމަވެސް ބަސް ޙިމާޔަތް ކުރުމުގެ މާބޮޑު މަސައްކަތްތަކެއް އެ މަރުކަޒަކުންވެސް ނުކުރައްވައެވެ. މިސާލަކަށް ޓެކްނޮލޮޖީގެ ތެރެއަށް ބަސް ވެއްދުމުގެ ގޮތުން ދިވެހި ބަހުން ޕީ.އެސް އަދި ޕީ.ސީ ގޭމްތައް އުފެއްދުމަށް އެމަރުކަޒުން މަސައްކަތް ނުކުރައްވާ ހިނދު އެފަދަ ކަމެއް ކުރެއްވުމުގެ ޚިޔާލެއްވެސް ނުގެންގުޅުއްވައެވެ. ބޮޑު ތަކުރުފާނު ދިވެހި ޤައުމު ސަލާމަތްކުރައްވަން ކުރެއްވި ޖިހާދު "ޕްރިންސް އޮފް ޕާޝިއާ" ޖަހާ ސަކަރާތްތަކަށް ވުރެ މާ މޮޅު ޝަޢުޤްވެރި ގޭމަކަށް ނުހެދޭނެ ހެއްޔެވެ؟

ޒުވާނުން ބަހަށް ހިތްޖެއްސުމައްޓަކައި ތަފާތު ގޭމާއި އިޖްތިމާޢީ ވިއުގަތަކުގައި ދިވެހިބަސް ބޭނުން ކުރުމަށް ޚަރަދު ކުރުމަކީ ސަރުކާރުގެ ޒިއްމާއެކެވެ. އެތައް ދޮޅަސް ހާހަކަށް ސަރުކާރުގެ ބަޖެޓް ފާސްކުރެވިގެން ދާއިރު ބަހުގެ ޙިމާޔަތުގައި އެފަދަ އިންވެސްޓްމެންޓްތައް ކުރުމަށް އެންމެ އިންސައްތައެއްވެސް ޚަރަދު ކުރެވޭ ބާވައެވެ؟ މިއަދު މިފަދަ ކަންކަން ދޫކޮއްލެވިއްޖެ ނަމަ މާދަމާ ދިވެހިބަސް އޮންނާނީ ދިވެހިންގެ ދުލަށް ބީރައްޓެހި އެއްޗަކަށް ވެފައެވެ. މާޟީގެ ތެރެއަށް ގެއްލިފައިވާ ބަހެއްގެ ދަރަޖަ ނޫން ނަމެއް ނުލިބިފައެވެ.

ދިވެހިން ފަޚްރުވެރިވާން ވީ އަމިއްލަ ބަހެއް މިފަދައިން ނެތި ދިޔުމަކީ ހަތަރުމަތިފުށް އެއްވެސް ދިވެއްސެއްގެ އެދުމަކަށް ވެގެންނުވާނެއެވެ. އުއްމީދު ކުރަންވީ މި ބަސް ދަމަހައްޓާށެވެ. އަލުން ދިރުވާށެވެ. ނަމަވެސް އެއީ މިތިބި ކަންނެތްކަންމަތީ ތިބެގެނެއް ނޫނެވެ. މިތިބި ޣާފިލުކަމުގައި ތިބެ ވަރިހަމަކޮށްލައިގެނެއްވެސް ނޫނެވެ. ހިތްވަރާއެކު ފަންވަރު ދައްކާލައިގެނެވެ. މިންވަރަށް އީމާންވާނަމަ މަސައްކަތް ކުރަމާ ހިނގާށެވެ. ނޫން ނަމަ މި ބަސް ބީވެގެން ހިނގައިދާނެއެވެ.

No comments:

Post a Comment